ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެކަމަށާއި، އެ ރަށުގެ ތަރައްގީ ހަގީގަތަކަށް ހެއްދެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްގެ އިތުރުން، އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ޅ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ނައިފަރަކީ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، މަޝްރޫއުތައް ނުހުއްޓި، ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރަށުގެ ތަރައްގީއަށް ކުރައްވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ، އައު ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއެކު، އަނެއްކާވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށް ނައިފަރު ވާނެ ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ތައުލީމީ ހަޔާތުގައި ނައިފަރަކީ ފަހުރުވެރި ރަށެއްކަމުގައި ސިފަކުރައްވަމުން ރައީސް ވަނީ އަރބަން ސެންޓަރެއްގެ ހައިސިއްޔަތުން ރަށުގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ނައިފަރުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކެމްޕަހެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރޭގެ ޖަލްސާގައި ސޮއިކުރައްވާފައިވާއިރު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަހަކާއި ދަނާލެއް ގާއިމުކުރުމުގެ މަސައްކަތް ދާދިއަވަހަށް ފެށޭނެކަމުގެ ޚަބަރު، ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، 10 ކުލާސްރޫމްއާއި، އެކި ކަހަލަ ލެބްތައް ހިމެނޭ ގޮތަށް ސްކޫލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތްވެސް މިއަހަރު ތެރޭގައި ފަށާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު ނައިފަރުގެ އިސްލާމީ މަރުކަޒު ގާއިމުކުރުމުގެ ކަންކަންވެސް ހަމަޖެހިފައިވާކަމަށާއި، މި އަހަރު ތެރޭގައި އަމަލީ މަސައްކަތްތައް ފެށޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ ސްކޯޕް އަދިވެސް އިތުރަށް ފުޅާކުރައްވައި، 50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީ ކޮށްދެއްވާނެކަމަށެވެ.
ހަމަ މިއާއެކު އަރބަން ސެންޓަރެއްގައި ލިބެން ހުންނަ ސިއްހީ ހިދުމަތްތައްވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، މި ދައުރުގެ ތެރޭގައި ޅ. ނައިފަރުގައި 800 ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށާއި، އޭގެ ތެރެއިން ގިނަ ޔުނިޓްތަކެއް ނިންމަވައިދެއްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

