ޅ. ނައިފަރުގައި 300 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެޗްޑީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ކ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ސަރުކާރުގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ ރޭ ހަވާލުކުރި 300 ހައުސިން ޔުނިޓުގެ އިތުރުން ވެސް 100 ހައުސިން ޔުނިޓުގެ މަސައްކަތް ދާދި އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ވެސް 400 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށާއި އެހެންކަމުން މި ދައުރުގެ ތެރޭގައި ޖުމުލަ 800 ހައުސިން ޔުނިޓުގެ މަސައްކަތް ނައިފަރުގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި ދައުރުގެ ތެރޭގައި އޭގެ ތެރެއިން ގިނަ ޔުނިޓުތަކެއްގެ މަސައްކަތް ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

