ރައީސް ދެއްވީ ކާށިދޫގެ ތަރައްގީގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން

ރައީސް މިހެން ވިދާޅުވީ، މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން، ރަސްމީ ހައިސިއްޔަތުން އެމަނިކުފާނަށް ވަޑައިނުގެންނެވި އޮތް ތިންރަށަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކ. ކާށިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީީސް ވަނީ ކާށިދޫގެ ތަރައްގީއާ ގުޅުންހުރި އުންމީދީ ހަބަރުތަކެއް ދެއްވާފައެވެ.

ޖިއޮގްރަފީ ގޮތުން ކާށިދޫ އޮތް ސަރަހައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދަކަށްވީ ނަމަވެސް، ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދުރުގައި، އެކަހެރިކޮށްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ލުއި ފަސޭހަ ގޮތެއްގައި ސިއްހީ ފަރުވާގެ ކަންކަން ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން ހެލްތު ސެންޓަރުގެ އައު އިމާރާތެއް އެޅުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާ، އެ އިމާރާތް ފަރުމާކުރެވޭނީ އެކްސް-ރޭ އަދި ސްކޭނިންގްގެ ހިދުމަތްދެވޭ ގޮތަށް، ވޯޑަށް އެނދު އިތުރުކުރެވި، ކްލިނިކަލް މަސައްކަތަށް ޖާގަ ހިމެނޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި، އަލަށް ފަށާ މަޝްރޫއުއެއްގެ ގޮތުގައި، އަދި ކާށިދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާނީ، ބަނދަރުގެ މަޝްރޫއުކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އަންނަ އަހަރު ކާށިދޫގެ ބަނދަރު ހައްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކާށިދޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް ރައީސް މިއަދު ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ކާށިދޫ ފަޅުގައި ރިސޯޓް ތަރައްގީ ކުރުމަށް ލުއިތަކާއެކު 2 ވަނަ ފަހަރަށް ހުޅުވާލެއްވި ފުރުސަތުގެ ތެރެއިން އިންވެސްޓަރުން ލިބި، ފަތުރުވެރިކަން ތަރައްގީ ވެގެން ދިއުމަކީ އެކި ގޮތްގޮތުން ރަށަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ކާށިދޫއަށްވެސް ހަމަޖެހިގެންދާނެ ކަމަށާ، ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، ވައިގެމަގުން ކުރެވޭ ސީޕްލޭން ދަތުރުތައްވެސް ޝެޑިއުލްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ހަބަރު، ރައީސް ވަނީ ކާށިދޫ ރައްޔިތުންނަށް ދެއްވާފައެވެ.