އެއްވެސް އަންހެނަކީ، އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމާއެކަނި ކުރިމަތިލާ މީހަކަށް ވާން ނުޖެހޭ ގޮތަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނެ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނެ ފުރުސަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައި އޮތުން މުހިންމުކަމުގައި، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ހަވަނަ، ”ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއްކަމަށާއި، އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެމީހުންގެ ޢާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެންމީހުންނަށް ހިތްވަރުހޯދޭކަން ފާހަކުރެއްވިއެވެ.
އަދި އެ ވިލުންތެރިކަމާއި ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް، އެމީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމުގައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ޞިއްޙީ ނިޒާމަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ތެރެއިން، ޚާއްޞަކޮށް އެކި ބަލިބައްޔަށް ހާއްސަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހިކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިހެން ފަރުވާދިނުމުގައި، ނަފުސާނީ ބަލިބައްޔާ ބެހޭ ފަންނީ މީހުންނާއި، ޑައެޓީޝަނުންނާއި، ފިޒިއޮތެރަޕިސްޓުންނާއި، ޕެލިއެޓިވް ކެއަރ ޓީމުތަކުން، ސަރޖަނުންނާއި އޮންކޮލޮޖިސްޓުންނާއެކު ދޭ ފަރުވާގެ އެދެވޭ ނަތީޖާއެއްގެ ގޮތުން، ބަލިމީހުން ތަހައްމަލުކުރަން ޖެހޭ ވޭން ކުޑަކޮށްދިނުމުގައި އެހީއަކަށްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހާއްސަކޮށް 40 އަހަރުން މަތީގެ އެންމެހާ އަންހެނުން، އަދި ޖުމުލަކޮށް ހުރިހާ އަންހެނުން، އަހަރަކު އެއްފަހަރު، މެމޮގްރާމް ހަދައި، ބަލީގެ ނިޝާންތަކަށް ސަމާލުވެތިބުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ތަކުލީފެއް ނޫންކަމަށާއި އެއީ ޙައްޤެއްކަން، އެންމެހާ އަންހެނުންނަށް، އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.
ސިއްހަތާ ބެހޭ ވުޒާރާ އާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޓީމުތަކާއި، ސިއްހީ ފަރުވާދޭ އެކި މުއައްސަސާތަކުގައި ކެންސަރު ބަލީގެ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެބޭފުޅުންގެ އިސްނެންގެވުމާއި، މަސައްކަތަކަށް ބަހައްޓަވާ އިހުލާސްތެރިކަމަށް އެކަމަނާގެ ވާހަކަފުޅުގައި ޝުކުރުއަދާކުރެއްވިއެވެ.
އަދި ސިއްހީ ފަރުވާދިމުނުގައި އަންނަ ކުރިއެރުންތަކަކީ، އެކަމުގެ އަސަރު ސީދާގޮތެއްގައި ވަކިވަކި ފަރުދުންނާއި އާއިލާތަކަށް އިހުސާސްކުރެވޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

