ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ”ޒަކާތު ބެނެފެޝިއަރީ ކާޑެއް“ ތައާރަފުކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމައިފިއެވެ.

ޒަކާތު ހައުސްއިން ބުނީ، މި ކާޑު ތައާރަފު ވުމުން، ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ ކަމުގައެވެ.

މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމުގައި ފާހަގަކުރެވޭ ކަމަށް ވެސް ޒަކާތު ހައުސް އިން ބުނެއެވެ.

މި ކާޑު އުފެއްދުމުގެ މަގްސަދަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވަކި އިދާރާއެއްގެ ގޮތުގައި އުފައްދަވާ ޒަކާތު ހައުސްއާއި ހަވާލުކުރައްވާފައިވާ މުހިންމު މަސްއޫލިއްޔަތުކަމުގައިވާ ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުން ކަމުގައި ސަރުކާރުން ބުނެއެވެ.