އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްގީގެ ލަނޑުދަނޑިތައް ފަސޭހަކަމާއެކު ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރ. މީދޫ ސްކޫލް ހޯލުގައި ރޭ ބޭއްވި، އެ ރަށު ކައުންސިލުން ދެއްވާ ”މަހާސަނަދު“ އެވޯޑުދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
”މަހާސަނަދު“ އެވޯޑަކީ މީދޫ ކައުންސިލުން އިސްނަންގަވައިގެން، އެކި ދާއިރާތަކުން އެކި ގޮތްގޮތުން ރަށަށް ހިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ތަފާތު ރޮނގުރޮނގުން ރަށަށް ރީތި ނަން ހޯއްދަވައިދެއްވާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ މަގްސަދުގައި ދެއްވާ އެވޯޑެކެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ހިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، ރަށަށް އޮންނަ ލޯތްބާއި ރަށަށް ރީތިނަން ހޯދައިދީ، ރަށަށް ހިދުމަތްކުރުމުގެ ޢަޒުމް ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެއްބައިވަންތަކަމުގެ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރޭގެ ހަފުލާގައި ނައިބު ރައީސް ވަނީ ”މަހާސަނަދު“ ގެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރެއްވި ފަރާތްތަކަށް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ.
އެގޮތުން ތައްހާން އެވޯޑް ލިބިވަޑައިގެންނެވި 4 ބޭފުޅުންނަށާއި، ކަލޭފާނު އެވޯޑް ހާސިލުކުރެއްވި 4 ބޭފުޅުންނަށާއި، މަދަދު އެވޯޑް ލިބިވަޑައިގެންނެވި 2 ބޭފުޅުންގެ އިތުރުން ނަލަނަލަ މީދޫ އެވޯޑް ހަވާލުކޮށްދެއްވާފައިވެއެވެ.
މީގެއިތުރުންވެސް މި ހަފުލާގައި، ތައުލީމީ ރޮނގުން ދޭ ”ނޫރާނީ“ ފިލާ 10 ބޭފުޅަކަށް، ދިވެހި ދައުލަތަށް 20 އަހަރަށްވުރެ ގިނަދުވަހު ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ ”އަބުރުވެރި ހާކިމާގެ“ ފިލާ 11 ބޭފުޅަކަށް، ތައުލީމީ ދާއިރާއިން ދެވޭ ”ނޫރާނީ“ އެވޯޑް 9 ބޭފުޅަކަށް، އަދި ”ފަންނުވެރިން“ ގެ ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް އެ ފިލާ ހަވާލުކޮށްދެއްވާފައިވެއެވެ.

