ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުވައްމުލައް ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށުގެ ފެނާއި ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލަ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ރަށުން ފެން ކެނޑުމުގެ މައްސަލައާއި، ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންތޯ ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގަންނަވައިފައެވެ.

ރަށުގެ ކަރަންޓު ކެޕޭސިޓީ ދަށްވުމުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރައްވައި ރަމަޟާން މަހަށް އެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ރަށުގެ އިންޖީނުގެ، މީހުން ދިރިއުޅޭ ހިސާބުގައި ހުރުމުން ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް، މިހާރު އަޅަމުންދާ އިންޖީނުގެ އަވަހަށް ނިންމަވައި އެ އިމާރާތަށް އިންޖީނުގެ ބަދަލުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ރަށުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޮފީސް ކޮމްޕްލެކްސް ޢިމާރާތަކީ ރަށުގައި މިހާރު ހިންގަމުން އަންނަ ސަރުކާރުގެ އޮފީސްތައް، އެއް ޢިމާރާތެއްގައި ހިންގުމަށް ވަރަށް މުހިންމު އިމާރާތަކަށްވާތީ، އެ ޢިމާރާތުގެ މަސައްކަތް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ފުވައްމުލަކަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ކައުންސިލުން ވަނީ ރަށަށް ލިބޭ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ވަކި އިންސައްތައެއް، އުސޫލެއްގެ ދަށުން ކައުންސިލަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

އަދި ރަށުގައި ކުރިއަށް ގެންދާ ސިޓީ ހޮޓަލުގެ މަސައްކަތް އެމްއޭސީއެލް އިން ކުރިއަށް ގެންދަވާއިރު، ފުވައްމުލަކު ލޯކަލް ކައުންސިލް އޮތޯރިޓީއާއި ގުޅިގެން ކުރިއަށް ގެންދެވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫޢުތައް ކަމަށްވާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުއާއި، ކުނިކޮށީގައި ހުރި ކުނިތައް އުކާލުމާއި، އެތަނުގައި ހުރި ވެހިކަލްތައް ބައުވެ ހަލާކުވެފައި ހުރުމުން ވެހިކަލްގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމާއި، ގެދޮރުގެ ދަތިކަމާއި ފުވައްމުލަކު ކައުންސިލަށް ކައިރި އަތޮޅަކުން ފަޅުރަށެއް ލިބޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ، މިއަދު ފުވައްމުލަކުގައި އަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫއުތަކެއް ހުއްޓުމެއްނެތި ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ ކަމެއްގައި ކައުންސިލުން ދެއްވަންޖެހޭ އެއްބާރުލެއްވުން ސަރުކާރަށް ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ކައުންސިލުން މި ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތަފްސީލު ދެއްވާފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.