ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު، މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްގީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފައެވެ.

މި ދަތުރުފުޅުގައި ފުވައްމުލަކުގައި ވަނީ، ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ފައްޓަވާފައެވެ.

އަދި އައްޑޫގައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމާއި، ތައުލީމާއި، ސިއްހަތާއި، އުމްރާނީ ތަރައްގީ، ދީނީ ވަހުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ފައްޓަވާފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ވަނީ، ދިވެހި ގައުމީ ދިފާއީ ބާރުގެ އެއަރ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުއްވައިދެއްވާފައެވެ.

ރައީސްގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން، މަޝްރޫއުތަކާ ގުޅުންހުރި އަދާހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.