ވެރިރަށް މާލެއިން މުދާ ބަރުކޮށްގެން، 12 މީހުންނާއެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ”ފަހިރޯޅި“ ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރައި، ބޮޑު ބައި އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި އެ ބޯޓު، ފެލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު އިއްޔެ ފަތިހު 05:01 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ބޯޓުގައި ތިބި 12 މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދޫއަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭގެ ތެރޭގައި ހަ ދަތުރުވެރިން ހިމެނޭއިރު، އެއީ ދިވެއްސަކާއި ފަސް ބިދޭސީންނެވެ.

އޭގެ އިތުރުން ދެން އެ ބޯޓުގައި ތިބީ ބޯޓުގެ ކައްޕިއާއި، ވެރިފަރާތާއި، ހަތަރު ބިދޭސީ ފަޅުވެރިންނެވެ.

ފުލުހުން ބުނީ ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި ކަމަށެވެ.

މި ހާދިސާ ހިނގި ގޮތް ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.