ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދޭއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާ ކާނާ ލިބެން ހުންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ “ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމައު“ ކެމްޕެއިން އިފްތިތާހު ކުރުމަށް މާލެ އަތޮޅު ގުރައިދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކާ ބެހޭ ގޮތުން މަޢުލޫމާތު ދޭއިރު، އެ ފަދަ އަމަލުތަކަށް މަގުފަހިވާ ގޮތަށް މުޖުތަމަޢުގައި ހުޅުވިފައިވާ ދޮރުތައް ބަންދުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ހަރަކާތްތެރިކަމާއި ކަސްރަތުގެ މުހިންމުކަމުގެ މަޢުލޫމާތު ދޭއިރު، ދުވަހުގެ ތާވަލުން އެ ކަމަށް ވަގުތު ހުސްކުރެވެންޖެހޭ ކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދިރިއުޅުމުގެ ނުރަނގަޅު އާދަތަކާއި ކެއިންބުއިމުގެ އާދަކާދަ ބެހެއްޓޭ ގޮތުން، ސިއްހަތަށް ލިބޭ ގެއްލުންތަކާ މެދު ހޭލުންތެރިކުރުމުގެ ގައުމީ ޙަރަކާތެއްގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ އެފަދަ ރަނގަޅު އާދަތައް ދަސްކޮށް، އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމަށެވެ.
ސަލާމަތް ސިއްހަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އިސްލާމްދީން ވެސް ބާރުއަޅުއްވާކަން ފާހަގަކުރައްވައި، ހަލާލު ރަނގަޅު ތަކެތި ކައިބޮއި އުޅުމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފުރިހަމަ މުސްލިމެއްގެ ދިރިއުޅުން ބިނާވެފައި އޮންނާނީ ހަރަކާތްތެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، މުސްލިމުންގެ މުރާލި ދިރިއުޅުމާއި ކެއިންބުއިމުގެ ހަރުދަނާ އާދަތަކުގެ ސަބަބުން ދިވެހި ގައުމު ދުޅަހެޔޮ އުފާވެރި ގައުމެއްގެ ގޮތުގައި ބޭއްވުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށްޓަކާ، މިއަދު މި ފެށުނު މުހިންމު ގައުމީ ކެމްޕޭނުގައި ހުރިހާ ރައްޔިތުން ހިތާރޫޙުން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުންނެވެ.
ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިނަކީ އާންމު ސިއްހަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދިރިއުޅުގެ އާދަތަކާއި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް، ހޭލުންތެރިކުރުމުގެ މަގްސަދުގައި ހިންގޭ ކެމްޕޭނެކެވެ.
”ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު“ މި ޝިއާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްހޫލުވެ، ދެމެހެއްޓެނިވި އާއްމު ސިއްހަތާ ގުޅޭ ހަރަކާތްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ނިންމާފައެވެ.
މިކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ސިއްހަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް 3 އެވޯޑެއް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ ކެމްޕެއިންގެ ޝިޢާރުގެ ދަށުން، ރަށު އެވޯޑް، ސްކޫލު އެވޯޑް އަދި ޖަމިއްޔާ އެވޯޑެވެ.

