ހދ.ހަނިމާދޫގެ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސަބަބުން، ބޮޑުތިލަދުންމަތީގެ އިގްތިސާދަށް އާ ދިރުމެއް ގެނެސްދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ ސީއީއޯ އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، މި މަޝްރޫއުއަކީ ބޮޑު ތިލަދުންމަތީގެ ތަޅުދަނޑިކަމަށެވެ.
ވައިގެ ބަނދަރެއްގެ ސިފައިގައި ފެންނަން އޮތް އިގްތިސާދީ ބޮޑު މަސައްކަތުގެ ފަހަތަށް އުފަންވެގެން އަންނާނެ ވަޒީފާގެ އެތައް ފުރުސަތުތަކާއެކުގައި މުޅި ބޮޑުތިލަދުންމަތި ހޭލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިއީ ބޭރު ފައިސާ ލިބޭނެ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، މި ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު، ހަނިމާދޫ އެއަރޕޯޓު މަޝްރޫޢުގެ ގާތްގަނޑަކަށް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މަސައްކަތް ނިމިފައިހުރި ކަމަށާއި ބާކީހުރި 82 އިންސައްތަ މަސައްކަތް ނިންމާފައިވަނީ މި ސަރުކާރުން ކަމަށެވެ.
”އަޅުގަނޑުމެން ހަވާލުވީއިރު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތެއް ނުއެއް ނިމޭ. ކާގޯ ޓަރމިނަލްގެ މަސައްކަތެއް ނުއެއް ނިމޭ. ޖެޓީއެއް ނުނިމޭ. ފަޔަރ ސްޓޭޝަނެއް ނުއެއް ނިމޭ. އިންޖީނުގެޔެއް ނުނިމޭ.“ އޭނާ ވިދާޅުވިއެވެ.
ޝަރީފު ވަނީ މި މުހިންމު މަޝްރޫއު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމުމަށް ބާރު އެޅުއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފައެވެ.
2012 ވަނަ އަހަރު ހަނިމާދޫ ވައިގެ ބަނދަރު، ބައިނަލްއަޤުވާމީ އެއަރޕޯޓަކަށް ބަދަލުކުރިނަމަވެސް، އެއާޕޯޓުގެ ތަރައްގީގެ ދުވެލި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވައި، އެއާޕޯޓުގެ މަސައްކަތް ނިންމަވައި، ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ރަސްމީކޮށް ހުޅުވިގެންދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބުރިޖު ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކުރެވުނު އެއާޕޯޓެވެ.

