ޗައިނާ މެޝިނަރީ އިންޖިނިއަރިން ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކުރައްވައިފިއެވެ.

މި ތަކެތި ރަސްމީކޮށް ހަވާލުކުރެއްވުމަށް ހުޅުމާލޭ ސެންޓަރަލް ޕާރކްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ.

މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަދު ވަނީ ޖުމުލަ ހަ ފެންހިންދާ ޕަމްޕް ހަވާލުކުރައްވާފައެވެ.

މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މައުލޫމާތުދެއްވައެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.