އިންޑިއާގެ ދިއްލީގައި ހުންނަ ރެޑް ފޯޓުގެ ކައިރީގައި މިރޭ ހިނގި ނުރައްކާތެރި ހާދިސާގައި ބަޔެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި އެމަނިކުފާނު މިރޭ ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައެވެ.

އަދި މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އަދި، މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ހާމަކުރައްވާފައެވެ.

ދިއްލީގެ ރެޑް ފޯޓު ސަރަަހައްދުގައި ކާރެއް ގޮއްވާލާފައިވާ އިރު، އެހާދިސާގައި 13 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.