ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް އަރުވައިފިއެވެ.

މޫސާ އަންވަރަށް މި އިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

އައްޑުއަތޮޅު މީދުއަށް އުފަންވެވަޑައިގަތް މޫސާ އަންވަރު ސިއްހީ ދާއިރާއާ ގުޅިވަޑައިގެންނެވީ، އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުންނެވެ.

އެ ވަޒީފާގައި ހުންނަވައިގެން ދާއިރާއިން ލިބެންހުރި ތަމްރީންތައް މޫސާ އަންވަރު ހޯއްދަވަން ފެއްޓެވިއެވެ.

އަދި އެއަށްފަހު، ދަތުގެ ފަރުވާއިން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތައްވެސް މޫސާ އަންވަރު ކުރެއްވިއެވެ.

ގަމުގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އާރްއޭއެފް އިން ދެއްވި އޭއޯސީގެ ކޮމެންޑޭޝަން 1975 ވަނަ އަހަރު މޫސާ އަންވަރަށް ލިބިވަޑައިގެންފައިވެއެވެ.

އިނގިރޭސީން އައްޑުއަތޮޅު ގަމުން ފޭބުމާއެކު، 1977 ވަނަ އަހަރު، އޭރުގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާސިރުގެ އެދިވަޑައިގަތުމަކަށް މާލެ ވަޑައިގެން މޫސާ އަންވަރު، ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތެވެ.

ހިދުމަތް ފެއްޓެވީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިން ސެންޓަރުގެ ޕްރެކްޓިކަލް ނަރސް ޓީޗަރުކަމުގެ ވަޒީފާ އާއި ސެންޓްރަލް ހޮސްޕިޓަލްގައި ދަތުގެ ފަރުވާވެސް ދެއްވުމުގެ ހިދުމަތުންނެވެ.

އެއަށްފަހު 1979 ވަނަ އަހަރު، ދާއިރާއިން އިތުރު ތައުލީމު ހާސިލުކުރެއްވުމަށް މޫސާ އަންވަރު އިނގިރޭސިވިލާތައް ވަޑައިގަތެވެ.

އެނބުރި ވަޑައިގެން މަސައްކަތްކުރެއްވީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޓިއުޓަރެއްގެ ގޮތުގައެވެ.

އެ ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ އަދި ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުވެސް މޫސާ އަންވަރު ފުރުއްވިއެވެ.

އެއަށްފަހު ސަރުކާރުގެ ސިއްހީ ވުޒާރާއާ ގުޅިވަޑައިގެން، އެ ވުޒާރާގެ އެކި މަގާމުތައް ފުރުއްވައި، ގިނަ ހިދުމަތްތަކެއް ކުރެއްވިއެވެ.

އެގޮތުން، ރާއްޖޭގެ އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތައް ބިނާކުރުމަށްޓަކައި އޭރުގެ ސަރުކާރުން ކުރައްވަމުން ގެންދެވި ގިނަގުނަ މަސައްކަތްތަކުގައި މޫސާ އަންވަރު، އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މޫސާ އަންވަރުގެ އެންމެ އަގުހުރި އެއް މަސައްކަތަކީ، ތެލެސީމިއާ ފަރުވާގެ ހިދުމަތް ރަނގަޅުކުރުމަށާއި، ތެލެސީމިއާ އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގެވި މަސައްކަތްތަކުގައި އަދާކުރެއްވި ދައުރެވެ.

އެގޮތުން ނޭޝަނަލް ތެލެސީމިއާ ސެންޓަރުގެ ޅަފަތުގައި، އެ ސެންޓަރަށް ކުރެއްވި ޚިދުމަތްތައް ފާހަގަކުރެވެއެވެ.

ކ. ގުރައިދޫގައި ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް މޫސާ އަންވަރު ފޯރުކޮށްދެއްވައިފައިވެއެވެ.

ސެންޓްރަލް ހޮސްޕިޓަލްގެ ހިދުމަތްތައް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަރުހަލާގައިވެސް، ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް މޫސާ އަންވަރު ކުރައްވާފައިވެއެވެ.

މޫސާ އަންވަރު އެންމެފަހުން ހިދުމަތް ކުރެއްވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ.

އެ އޮތޯރިޓީ ގާއިމުކުރައްވައި، އެ އޮތޯރިޓީގެ މަސައްކަތްތައް ފުޅާކުރެއްވުމުގައިވެސް، މޫސާ އަންވަރު އިސް ދައުރެއް އަދާކުރެއްވިއެވެ.

މޫސާ އަންވަރު، ރާއްޖޭގެ ސިއްހީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ.

އޭގެތެރެއިން 30 އަހަރަށްވުރެ ގިނަ ދުވަސް، ހޭދަކުރެއްވީ ދައުލަތުގެ ހިދުމަތުގައެވެ.

މޫސާ އަންވަރު، ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 23 ޖުލައި 2009 ގައެވެ.