އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
”ވާނުވާ ބަންދު“ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅަކަށް ވާއިރު، ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށާ، ސަރުކާރުން މިހާރުވެސް މި ރޮނގުން މަސައްކަތްތައް ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިކަމަށް އިސްކަންދެއްވައިގެން ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސަވައިދެއްވުމާއި، ދައުލަތުގެ ބަޖެޓު ކަނޑައަޅުއްވުމުގައި ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދެއްވާފައި ވަނީވެސް، މި ސަބަބާހެދިކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން ޖުޑީޝަރީގެ ތެރެއިން ނިންމަންހުރި ކަންކަން ނިންމުމަށް ސަރުކާރުން ކޮށްދޭންޖެހޭކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ ގާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައި ވީ ނަމަވެސް، އެކަމަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ޝަރުއީ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމި އޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުންދިނުމުގައިކަމުގައި ރައީސް ވިދާޅުވިއެވެ.
ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަށް ވާއިރު، މި ނިޒާމު ރާއްޖޭގައި އޮންނަތާ 57 އަހަރު ފުރިގެންދިޔައީކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ވާނީ ރައްޔިތުންގެ ހައްގުތައް އަދާވެގެން ދިއުންކަމުގައެވެ.
އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ޒިންމާދާރު، އަދުލުވެރި އަދި އިންސާފުވެރިގޮތެއްގައި ވެރިކަން ކުރެއްވުމަށް ކަމަށާ، އަދުލުވެރިވެވޭނީ އޭގެ އެންމެ ފުރިހަމަ މާނާގައި އެކަން ކުރަން އުޅެގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

