މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓު ހެދުމަށް މިއަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ، ޖުމްލަ 7000 ހައުސިން ޔުނިޓު ހެދުމަށް ކަންކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ބައެއް މަޝްރޫއުތަކުގެ މަސައްކަތުގެ އިދާރީ ކަންކަން ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

”ޖުމްލަކޮށް ހައުސިން ޔުނިޓަށް ބަލާނަމަ ހަމަ މާލޭގެ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ބާކީ މިއޮތް ދޮޅުމަހެއްގެ ތެރޭގައި 3،000 ހައުސިން ޔުނިޓުގެ އެގްރީމެންޓަގައި ކަމާބެހޭ އުސޫލުގެ ތެރެއިން ސޮއިކުރެވި މަސައްކަތް ހަވާލުކުރަން.“ ރައީސް ވިދާޅުވިއެވެ.

 

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން 400 ހައުސިން ޔުނިޓެއްގެ މަސައްކަތްވަނީ ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، އެހެން ބައެއް ގައުމުތަކުގެ އެހީތެރިކަން ލިބިގެންވެސް ކުރިއަށްގެންދާނެ ހައުސިން މަޝްރޫއުތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ހަމަޖެހިފައިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭ ފޭސް ތިނެއްގެ ބާކީ ސަރަހައްދު ހިއްކުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.