މާލެ ސަރަޙައްދުގައި ކުޑަކުއްޖަކަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި މަންމައެއްގެ މައްސަލަ ފުލުހުންނަށް ހުށައެޅުމާއެކު ކްރިމިނަލް ކޯޓުގެ އަމުރަކާކާއެކު އެކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖެންޑަރ މިނިސްޓްރީންނެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް އެ ކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން، މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2025 އޮކްޓޯބަރު 28 ވަނަ ދުވަހު އާއިލާތަކާ ބެހޭ ވުޒާރާއިން ފުލުހުންނަށް ހުށައަޅައިފައިވާކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތު ކުރެވޭ 50 އަހަރުގެ މަންމަ 2025 ނޮވެމްބަރު 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކުރެވިފައި ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2025 ނޮވެމްބަރު 11 ވަނަ ދުވަހު، ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.