ބޯހިޔާވަހިކަމުގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަހައްދުތައް އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.
މީގެ ތެރެއިން 3 ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަވާއިރު، ސައިޓް-ޖޭގެ ސައްތަ އިންސައްތަ މިހާރު ވަނީ ހިއްކާ ނިންމަވާފައެވެ.
ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމަވާފައެވެ.
ރަސްމާލެ މަޝްރޫއަކީ ރައީސް ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ގައުމާ މުހާތަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫއުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭގެ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެގޮތުގައި ތަރައްގީ ކުރާ ރަސްމާލެ ތަރައްގީ ކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ރައީސް މިއަދު ކުރެއްވި ޒިޔާރަތުގައި، ދަޢުލަތުގެ ބައެއް ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އަދި މި ޒިޔާރަތުގައި މަޝްރޫއުގެ އަދާހަމަ ވަނީ ހިއްސާކުރައްވާފައެވެ.

