މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިއަދު ފެށި ”އޮޕަރޭޝަން އަލިމަގު“ގެ ދަށުން، 90 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެންގެވުމަށް، މުޅި ރާއްޖޭގައި ފަށައިގެން ކުރިއަށް ގެންދާ ވަރަށް ހާއްސަ އޮޕަރޭޝަނެކެވެ. މިއީ ފަހުގެ ތާރީޚެއްގައި ފެށިގެންދިޔަ، މިފަދަ އެންމެ ފުޅާ އޮޕަރޭޝަނެވެ. މި އޮޕަރޭޝަނުގެ ދަށުން އެތައް ތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ދަނީ ގެންނަމުންނެވެ.


މި އޮޕަރޭޝަނާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ.
”މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އަޅުގަނޑުވާނީ ފުލުހުންނަށް އަންގާފަ. އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ.“ ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި، ވިދާޅުވިއެވެ.

ފުލުހުން ބުނީ، މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.

