ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެއާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ.
މި ރަމްޒީ ޓިކެޓު ރައީސް މުއިއްޒުއާއި ހަވާލުކޮށްދެއްވީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތާރިގެވެ.
ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ކުޅެވޭ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ ކުޅެވޭއިރު ދެ ޓީމުގެ މެދުގައި ކުޅެވޭ ދެވަނަ މެޗު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މެޗުތަކާ ގުޅިގެން ވިއްކާ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި އެފްއޭއެމުން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ.
ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީ ހިމެނޭ މި ޓިކެޓްތަކުގެ ތެރެއިން ރައީސް ބައްލަވައިގެންނެވީ ޕްލެޓިނަމް ޓިކެޓެވެ.
މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމުން ހާމަކުރައްވާފައިވެއެވެ.

