ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވެ، އެ ރައްޔިތުން މަރާ ބަޔަކަށް، މި ދިވެހިރާއްޖެއިން މަރުހަބާ ކިޔުމެއް ނެތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ ”ދިވެހީންގެރާއްޖެ“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ޣައްޒާގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރި ކުރުމަށް އަލިއަޅުވައިލައްވައި، އެމަނިކުފާނުގެ ސަރުކާރުން އެ ނިންމުން ނިންމެވީ، ދިވެހި ރައްޔިތުން އެކަމަށް އެދޭތީ ކަމުގައި ވިދާޅުވިއެވެ.

”ފަލަސްތީނުގެ ރައްޔިތުންނަށް ދޭހާ އަނިޔާ ދޭހާ ހިނދަކު މި ގައުމަކުން އިޒްރޭލަކަށް ނެތް މަރުހަބާ ކިޔުމެއް. އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުންވާތީ، އެއޮތީ އިޒްރޭލު ޕާސްޕޯޓު ބޭން ކޮށްފަ.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން މަރާ ބަޔަކަށް ރާއްޖެއިން ”ވެލްކަމް“ ނުކިޔާނެ ކަމަށާއި، ފިއްތުންތަކާއެކު ވެސް އިޒްރޭލު ޕާސްޕޯޓު މަނާ ކުރީ އެހެންވެ ކަމަށެވެ.

ރައީސް ވަނީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން އުޅުމުން، ފަތުރުވެރިކަމަށް ހުރަސްތައް ކުރިމަތިވާނެ ކަމަށް ބުނެ ބަޔަކު އެކަން ހުއްޓުވަން ވެސް އުޅުނު ކަމަށެވެ.

 

ޕީއެންސީގެ މިރޭގެ ބޮޑު ޖަލްސާގެ ތެރެއިން

 

އިޒްރޭލު ޕާސްޕޯޓު މަނާ ކުރީ، މިދިޔަ އޭޕްރީލް މަހުގައެވެ. މި ނިންމުމާއެކު ބޭރުގެ ގައުމުތަކުގެ ރައްޔިތުންގެ ތައުރީފު ރާއްޖެއަށް ލިބުނެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކުން މިފަދަ ކެރޭ ނިންމުމެއް ނިންމުމަކީ މުޅި ދުނިޔެއަށް މިސާލެއް ކަމަށް ވެސް އެތައް ބަޔަކު ބުނަމުންދިޔައެވެ.

އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީީސް މުއިއްޒު ގެންދަވަނީ ދިވެހިން ތިބީ ފަލަސްތީނާއެކުގައިކަން ހާމަކޮށްދެއްވަމުންނެވެ.

އެމަނިކުފާނު ވަނީ ތަފާތު އެކި ޕްލެޓްފޯމުތަކުގައި ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެގޮތުން އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރައީސް ތަކުރާރުކޮށް ވަކާލާތު ކުރައްވައެވެ.