މިސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއު ވެގެންދާނީ މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ އެންމެ ބޮޑު ކެކުޅުން ކަމުގައިވާ، ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ހައްލުކުރާ މަޝްރޫއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104“ ނަމުގައި ހޯމަދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މައުޟޫއުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ މިސަރުކާރުގެ އެންމެ މުހިއްމު ވައުދު ކަމަށާއި، ބޯހިޔާވަހިކަމާ ނުލައި އިޖުތިމާއީ މައްސަލައެއްވެސް އަދި އިގްތިސާދީ މައްސަލައެއްވެސް ހައްލު ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތަފުސީލަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، މިހާރު 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމަށް ސޮއިކުރެވިފައިވާނެ ކަމަށާއި، އިތުރު މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާނެ ކަމަށެވެ.

އެގޮތުން، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެމަނިކުފާނު ރަށްރަށުގައި ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ނިންމައި، ރައްޔިތުންނާ ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މާލޭގެ ބޯހިޔާވަހިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފުރަތަމަ އަމާޒަކީ މި ސަރުކާރު ހަވާލުވިއިރު ފަށައި ނުނިމި ހުރި މަޝްރޫއުތައް ނިންމައި ހަވާލުކުރުން ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެފްޑީސީގެ 4000 ފުލެޓު ލިބޭ 84 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އަމާޒަކީ އަންނަ ރަމަޟާންމަހުގެ ކުރިން ހުރިހާ ފުލެޓުތަކެއް ނިންމައި ހަވާލުކުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.