”ޒުވާނުންގެ ތަރޑް ސްޕޭސް“ ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި އަދުގެ ސަރުކާރުން މާލޭގައި ތަރައްގީ ކުރެއްވި ފުރަތަމަ ”ޒުވާނުންގެ ވެހި“ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްގީ ކުރައްވައި ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ އެކަމަށް ހާއްސަ ކުރައްވައިގެން މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުސަތުތަކެއް ޒުވާނުންގެ ވެހިން ލިބެން ހުންނާނެއެވެ.

އެގޮތުން ކުރެހުންތެރިންނަށް ހާއްސަ ސަރަޙައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ހާއްސަ ސަރަޙައްދެއްގެ އިތުރުން، ހާއްސަ އިސްކަމެއްދެއްވައިގެން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ ”ހެޕިނަސް ލައުންޖު“ގެ ހިދުމަތްތައް ފާހަގަކުރެވެއެވެ.

މީގެ އިތުރުންވެސް ޒުވާނުންނާ ގުޅުންހުރި ގިނަ ހިދުމަތްތަކަކާއި ފުރުސަތުތަކެއް، މި މަރުކަޒުން ލިބެން ހުންނާނެއެވެ.

”ޒުވާނުންގެ ވެހި“ ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.

މީގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުވެސް، ރައީސް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވި ޒުވާނުންގެ ވެހިން ފަހިވެގެންދާނެއެވެ.

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަޙައްދަކަށްވާއިރު، އިތުރު ހަރަދަކާ ނުލައި، ސްޓޫޑަންޓް އައިޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށްވެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

”ޒުވާނުންގެ ވެހި“ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ މަރުކަޒު ބައްލަވާލައްވައި، އެކި ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށް ނިންމަވައި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ”ޒުވާނުންގެ ތަރޑް ސްޕޭސް“ ގެ ގޮތުގައި އެ ސަރަޙައްދު ތަރައްގީ ކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

މިއަދު އޮތް، ”ޒުވާނުންގެ ވެހި“ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނާއި، ޒުވާނުންގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުންނާއި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެވަޑައިގަތެވެ.