ނެސްލޭ އިންފެންޓް ފޯމިއުލާގެ ބެޗުތަކެއް ތަޣައްޔަރުވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ ނެސްލޭ ކުންފުނިން އުފައްދާ ”އެސްއެމްއޭ“ ބްރޭންޑްގެ އިންފެންޓް ފޯމިއުލާ އަދި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗްތަކުން ”ސެރެއުލައިޑް“ ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، އެ ތަކެތި ބާޒާރުން ނެގުމަށް ނިންމާފައިވާކަން ނޭސްލޭއިން އާންމުކޮށް އިއުލާންކޮށްފައިވާ ކަމަށެވެ.

ސެރެއުލައިޑް އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ.

މި މާއްދާއިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެ ނަމަ، މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވާ ނެސްލޭގެ އުފެއްދުންތައް:

  • އެސްއެމްއޭ އެޑްވާންސް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ އެޑްވާންސް ފޮލޯ އޮން މިލްކް 800 ގުރާމް
  • އެސްއެމްއޭ އެންޓި ރެފްލަކްސް 800 ގުރާމް
  • އެސްއެމްއޭ އަލްފަމިނޯ 400 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 400 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 1.2 ކިލޯ ގްރާމް
  • އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ ކޮމްފޮޓް 800 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް 200 މިލި ލީޓަރު
  • އެސްއެމްއޭ ފަސްޓް އިންފެންޓް 70 މިލި ލީޓަރު
  • އެސްއެމްއޭ ލެކްޓޮސް ފްރީ 400 ގްރާމް

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެސްލޭގެ ތަޣައްޔަރުވެފައިވާ ބެޗުތަކުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.