މީގެ އެތައް އަހަރެއް ކުރިން ލިބިފައިވާ އެއްކޮޓަރީގެ ފްލެޓުތައް، އާއިލާ ބޮޑުވެ، ނޫޅެވޭ ވަރު ވުމުން ދޫކޮށްލެވޭ ގޮތް ހަދައި، ފްލެޓަށް ކުރިމަތިލެވޭ އުސޫލަށް ރައްޔިތުން އެދޭ ބަދަލު ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ މައި އޮފީސް ހުޅުއްވައިދެއްވައި، ރައީސް މިރޭ ވިދާޅުވީ، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން، އެ ރައްޔިތުން ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭ އުސޫލާމެދު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، އުސޫލަށް މިހާރު ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން އެއް ކޮޓަރި ލިބި، މިހާރު އާއިލާ ބޮޑުވެފައިވާ ފަރާތްތަކުން، އެ ތަންތަން ދޫކޮށްލާ ގޮތަށް އައު ފްލެޓުތަކަށް އެޕްލައި ކުރެވޭނެ ކަމަށާއި، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، 2 ކޮޓަރީގެ ފްލެޓު ދޫކޮށް، ތިން ކޮޓަރީގެ ފްލެޓަށް އެޕްލައި ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާލޭގެ ރަށްވެހިކަމުގައި ޖެހިފައިވާ އެއް އަހަރު ވެފައިވާ މީހުންނަށްވެސް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އެކަން މިހާރު އެވަނީ ހަމަޖައްސައިދީފަ، އެގޮތަށް ޝަރުތު އެވަނީ ހަމަޖައްސާފަ، ނޫނީ ޝަރުތުތައް އެވަނީ ބަދަލުކޮށްފަ.“ ރައީސް ވިދާޅުވިއެވެ.

އެފަދަ ލުއި ގޮތްގޮތަށް ޝަރުތުތައް ހިމަނައިގެން ސަރުކާރުން ދަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ކުރަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެކަށީގެންވާ ވަރަށް ގާތަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.