ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކުރާ ”ރޯދަ ބާޒާރު ފެސްޓިވަލް“ ގައި ބައިވެރިވެ، ސްޓޯލްތައް ހިންގުމުގެ ފުރުސަތު އާންމުކޮށް މިއަދު ހުޅުވާލައިފިއެވެ.
މި ފެސްޓިވަލަކީ ރޯދަ މަހަށް ބޭނުންވާ ތަފާތު މުދާ އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ފެސްޓިވަލުގައި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އަންނަ ހަފުތާގެ އާދީއްތަ ދުވަސް ކަމަށްވާ 2026 ޖަނަވަރީ 18 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
އެޗްޑީސީން ބުނީ، ފޯމު ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރާ ޚާއްސަ ލިންކެއް މެދުވެރިކޮށް އޮންލައިންކޮށެވެ.
ސްޓޯލްތައް ދޫކުރުމުގައި އެޗްޑީސީން ގެންގުޅޭނީ ”ފަސްޓް ކަމް ފަސްޓް ސާވް“ އުސޫލެވެ.
އެހެންކަމުން، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ސްޓޯލް ހިންގުމުގެ ފުރުސަތު ލިބިގެންދާނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ ފަރާތްތަކަށެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ވީހާވެސް އަވަހަކަށް ފޯމު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.
މި ފަހަރުގެ ފެސްޓިވަލްގައި ތަފާތު 7 ކެޓަގަރީއަކުން ޖުމްލަ 88 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓޯލްތަކުގެ އަގުތަކަށް ބަލާއިރު، ހޯމް ކެއާ، ހާޑްވެއާ، ފަރުނީޗަރު އަދި އިލެކްޓްރޯނިކްސް ސާމާނަށް ހާއްސަ 14 ސްޓޯލްގެ ކުއްޔަކީ ހަތަރު ދުވަހުގެ މުއްދަތަށް 8،500 ރުފިޔާއެވެ.
އަދި ބާކީ ހުރި އެހެނިހެން ކެޓަގަރީތަކުގެ ސްޓޯލްތަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5،000 ރުފިޔާއެވެ.
މި ފެސްޓިވަލަކީ ހުޅުމާލޭގެ ރައްޔިތުންނަށާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޯދަ މަހުގެ ކުރިން ބޭނުންވާ ސާމާނު ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިވެގެންދާނެ ވަރަށް މުހިންމު ހަރަކާތެކެވެ.
އެޗްޑީސީން އަންނަނީ ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް މިފަދަ ބާޒާރުތައް އިންތިޒާމު ކުރަމުންނެވެ.

