މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ، ރިޓަޔަރޑް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފިއެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮން މަނިކު ސްކައިވިއު ރެސްޓޯރަންޓުގެ ތިރީގައި ހުންނަ ޖަގަހަ ހުޅުވައިދެއްވީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފްއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޖަލީލު ވިދާޅުވީ، ވެރިރަށް މާލެއަށް ޗާލު، އުފާވެރި ދިރިއުޅުމެއް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، މާލޭގެ ރައްޔިތުންގެ ދަތިތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ހުންނެވީ އެކަންކަން ހައްލު ކޮށްދެއްވުމުގެ އަޒުމުގައިކަން ޔަގީންކަމާއެކު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުގެ މަގާމުގައި ދެއްކެވި ނަމޫނާގައި ހިފަހައްޓަވާނެ ކަމަށެވެ.

މޭޔަރުކަމަށް ކުރިމަތިލެއްވީ ރައީސް މުއިއްޒު އެ މަގާމުގައި ދެއްކެވި ހިތްވަރު ނަމޫނާއަކަށް ބަލައިގެން ކަމަށާއި، އޭނާގެ މަސައްކަތް ބިނާކުރައްވާނީ  އެމަނިކުފާނު ހިންގެވި ތަރައްގީގެ މަގުން، އެ ފިޔަވަޅު މަތީގައި ހުންނަވައިގެން ކަމަށް ވެސް ޖަލީލް މިރޭ ވިދާޅުވިއެވެ.