މާލޭ ޓެކްސީ ލައިން އަކީ މާލެ ސަރައްދުގައި ދިރިއުޅޭ ރައްޔިތުންގެ ޒަމާންވީ މައްސަލައަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި  ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މަހުލޫފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތިމާވެއްޓާ ރައްޓެހި، އަގުހެޔޮ، ރީތި އަދި މޫސުންގޯސްވުމުން ހިދުމަތަށް ބުރޫނާރެހެން މިކަން ރޭވިގެން ދިއުމަކީ ރައްޔިތުން ބަލައިގަންނަކަމެއްކަމަށެވެ.

އަދި ޓެކްސީގައި ދަތުރުކޮށްލެވުނު ކޮންމެ ފަހަރަކު، ޑްރައިވަރުން މިކަމާދޭތެރޭ ދެކޭގޮތް  އޮޅުން ފިލުވާލި ކަމަށާއި،  އޭގެ ތެރެއިން ބައެއް ޑްރައިވަރުން އެކަމަށް ތައީދު ކުރިއިރު އެއްބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް މަހުލޫފު ފާހަގަކުރެއްވިއެވެ.

އަދި ކަންބޮޑުވުން ފާޅުކުރެއްވި ފަރާތްތަކަށް އެކަންކަމުގެ ހައްލެއް ލިބޭނެގޮތަށް  މާލޭ ޓެކްސީ ލައިންގެ ކަންކަން ރޭވިގެންދާނެކަމުގެ ޔަގީންކަން މަހުލޫފު ވަނީ ދެއްވާފައެވެ. އަދި މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ޓްރާސްޕޯޓް މިނިސްޓަރ އަމީންގެ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

މާލޭ ޓެކްސީ ލައިން ފެށުމަށް ސަރުކާރުން އަންނީ ފުރިހަމަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 60 ކާރު މިހާރު ގެނެސްފައިވާއިރު މިއީ ޖާގަ ތަނަވަސް ރީތި ކާރު ތަކެއްކަން ފާހަގަކޮށްލެވެއެވެ.

ޓެކްސީ ލައިނަށް ދެ ބުރެއްގެ މަތީން 150 ކާރު ގެންނަން ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނީ ދެވަނަ ޝިޕްމަންޓްގައި 90 ކާރު ގެންނާނެ ކަމަށެވެ. އެ ކާރުތައް މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.