ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް އަނދާފައިވާތީ ސިއްހީ ރައްކާތެރިކަމަށްޓަކައި އެސަރަހައްދަށް އާންމުން ނުދިއުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، އަދިވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު އެބަހުރި ކަމަށާއި، ވަރަށް ގިނަ ވިހަ މާއްދާތައް އެކުލެވޭ އެއްޗެހި އަނދައިގެން ގޮސްފައި އެބަހުރި ކަމަށެވެ.  އެންމެ ރަނގަޅު ގޮތަކީ ދުން އަރާ ހިސާބަށް މީހުން ނައުން ކަމަށެވެ.

”ކައިރީގައި އެބަހުރި އިމާރާތްތައްވެސް. އެބޭފުޅުން ދުމުން ސަލާމާތްވެވޭނެ ގޮތްތައް ހޯދައިގެން ތިބެންވާނީ މިކޮޅުގައި ތިބެންޏާ. އެންމެ ރަނގަޅު ގޮތަކީ ދުން އަރާ ހިސާބަށް މީހުން ނައުން” ނައީމް ވިދާޅުވިއެވެ.

ނަޢީމް އިތުރަށް ވަނީ ކޮންމެހެން އަންނަންޖެހޭ ހާލަތެއްގައި މާސްކް އެޅައިގެން އައުމަށާއި ކުރަން ބޭނުންވާ ކަމެއްކޮށްފައި އަވަހަށް ދިޔުން އެދެވިގެންވާ ކަމުގައެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މި.ނިރުފެހި ގޭގައެވެ. ބިދޭސީން ދިރިއުޅެމުން ދިޔަ އެގޭގައި ގަރާޖެއްވެސް ހުއްޓެވެ. ރޭގެ ހާދިސާގައި 10 މީހަކު މަރުވިއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށް ބެލެވެއެވެ. ނަމަވެސް ރަސްމީ ފަރާތަކުން މިހާތަނަށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.