މެދުޒިޔާރާތުގައި ދިދަ ނަގަން ނިންމާފައި ވަނީ ވަކި ދުވަސްތަކެއްގައި ކަމަށާއި، ދާއިމީކޮށް ދިދަ ނެގުމަކީ މާލީ ގޮތުންވެސް ފަސޭހަ ކަމެއް ނޫން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާ ގެ މެންބަރު މުހައްމަދު ވަހީދު ވަނީ މެދުޒިޔާރަތުގައި ދިދަ ނެގުމަށްފަހު އެދުވަހު ހަވީރު ދިދަ ބޭލީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ މިފަހަކަށްއަައިސް މެދުޒިޔާރަތުގައި ޒީނަތްތެރިކުރުމުގެ ގިނަ ކަންތައްތަކެއް ކުރެވިގެންދިޔަ ކަމަށާއި، އެ ޒިޔާރަތުގައި ދިދަ ނަގަންވެސް ނިންމާފައިވަނީ އެގޮތުގެ މަތިން ކަމަށެވެ.
”އެހެންނަމަވެސް ދިދަ ނަގަން ނިންމާފައިވަނީ ވަކި ދުވަސްދުވަހާ ގުޅިގެން ވަކި މުނާސަބަތުތަކާ ގުޅިގެން.“ މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ ޖުމްހުރީ ދުވަހު ދިދަ ނެގީ އެގޮތުގެ މަތިން އެ ދުވަސް ފާހަގަ ކުރުމަށް ކަމަށާއި އެ ދުވަހު ހަވީރު ދިދަ ތިރިކުރި ކަމަށެވެ. އަދި ކުރީގެ އާދަކާދައަށް ބަލާއިރުވެސް ދާއިމަށް ދިދަ ނަގާފައި ބެހެއްޓުމަކީ އެއީ ފަސޭހަކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މެދު ޒިޔާރަތުގައި ދިދަ ނުނަގާ އެތައް އަހަރެއް ފަހުން، އަލުން އެކަން ކުރަން ފެށުމުން، ދީީނީ އިލްމުވެރިން ކަންބޮޑުވުންވެސް ފާޅުކުރެއްވިއެވެ.
