އއ. ތޮއްޑޫގައި ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓަށް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އެ ރަށު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅޭ ހުރިހާ ތަނެއް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން، ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓަށް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް ތޮއްޑޫ ކައުންސިލް އިއުލާނުގައިވެއެވެ.
އޭގެއިތުރަށް، ކޮންމެ ދުވަހަކު އިރުއޮއްސި 06:00 އިން ފެށިގެން ރޭގަނޑު 08:00 އާ ދެމެދާއި ހުކުރު ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 02:00 އާ ދެމެދު ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާކަމެއް ކަމުގައި އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ތޮއްޑޫ ކައުންސިލުން މިހެން ނިންމާފައި ވަނީ، ސަރުކާރުން ހިންގާ ކުޅިވަރު އިމާރާތްތަކާއި ދަނޑުތަކުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

