ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިޔުމުން އިންޒާރު ދީފިއެވެ.

އެފްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ހައުސިން ފުލެޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލާ ހިލާފަށް ކުއްޔަށް ދޫކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މިފަދަ މައްސަލަތަކެއްގައި މިދިޔަ މެއި މަހު އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރުދީފައިވާ ކަމަށް އެފްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން އަންނަނީ އެފަދަ އިތުރު ދެ މައްސަލައެއް ވެސް ބަލަމުންނެވެ.

އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ސަރުކާރުން ހެޔޮ އަގުގައި ދޫކުރާ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލަ އަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ.

ފަހި ފުލެޓުތައް ވެސް ހަވާލުކޮށް ނުނިމެނީސް، ވަރަށް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވިއެވެ. މިގޮތަށް ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ، ގާނޫނަށް އިސްލާހު ގެނެސް ހުއްޓުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.