1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތަކުގައި އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ކޮމިޓީއަކުން މިހާރު ފަށާފައިވާ ކަމަށާއި، ޕްލޭންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އިސްލާމީ އުސޫލުތަކުގެ ތެރެއިން އީދު ފާހަގަކުރުމުގެ ކަންކަން ހަރުދަނާ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
މި ޕްލޭންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށްގެން، އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމުއިއްޔާތައް ބައިވެރިކޮށްގެން އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އަދި ސިޓީތަކުގައި އީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދިޔުމަށްވެސް މި ޕްލޭންގައި ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އީދު ފާހަގަކުރުމުގެ މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.

