ދިވެހިރާއްޖެ އަކީ ތިމާވެށީގެ ކަންކަމުގައި ލީޑަރޝިޕް ނަގާ ގައުމެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުގެ އާ ޕޮޑްކާސްޓް ”ދަ ޕަލްސް“ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ދަ ޕަލްސް“ގެ ފުރަތަމަ އެޕިސޯޑް އިފްތިތާޙުކުރެވުނު ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު، މި މި އެޕިސޯޑް ހާއްސަ ކުރައްވާފައިވަނީ ތިމާވެށީގެ މައުޟޫއަށެވެ.
ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅިގެން ރައްޔިތުން ހިއްސާކުރެއްވި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގައި އަދިވެސް ދަތިތައް ކުރިމަތިވުމާއި، ބިން ހިއްކުން ފަދަ މަޝްރޫޢުތަކުގެ ސަބަބުން ސިނާޢީ ގޮތުން އުނދަގޫތަކާ ކުރިމަތިލާންޖެހުން ފަދަކަންކަން ހިމެނެއެވެ.
މިކަންކަމަށް ރިޢާޔަތްކުރައްވާ، ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ނާޒުކު ފައްތަރެއްގައި އޮތް ޤައުމެއް ކަމަށާ، ނަމަވެސް ދިވެހިރާއްޖެއަކީ ގޮތް ހުސްވެފައި އޮތުމުގެ ބަދަލުގައި، ތިމާވެށީގެ ކަންކަމުގައި ލީޑަރޝިޕްނަގާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެންކަމުގައި ފާހަގަކުރައްވާ، ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް ކަމުގައެވެ. މި މޭރުމުން އެމަނިކުފާނުވަނީ ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގައި، ތިމާވެށި ހިމާޔަތްކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތު ފާހަގަކުރައްވާ، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ސިޓީތަކާއި ރަށްތައް ފެހިކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން، 5 މިލިއަން ގަސް ޕްރޮގްރާމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވާ، ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާ، އެކަމަށް ހިތްވަރުދެއްވިއެވެ.
”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ދެވަނަ ބައި ކުރިއަށް ގެންދަވަނީ ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގަތީ ވަގުތު ނޫހުގެ ފަރާތުން ޔާމީން މުޙައްމަދެވެ.
މިފަހަރުގެ މައުޟޫޢުގައި ނޫސްވެރިޔާކުރެއްވި ސުވާލުތަކަށް ރައީސް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. މި ބަސްދީގަތުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމާއި، ޢަމަލީ ގޮތުން އެކަން ތަންފީޒުކުރައްވަމުން ގެންދަވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، ”ދަ ޕަލްސް“އަކީ އެވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫޢެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސްއަށް ހުށަހަޅުއްވައި، ރައީސް އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ޚާއްޞަ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.

