އިތުރަށް ދަރަނިވެރި ނުވެ، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ހަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިން އަށް އައި ބަދަލަށްވުރެ، އިހުތިފާލުކުރުން ހައްގު ކާމިޔާބީއެއް ކަމުގައި، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، “ޕްރެސަރ ވިތު ދަ ސްޕޮކްސް“ ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާމެދު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ފިޗް ރޭޓިން އަށް ގެނައި ބަދަލު، އެއީ ބޮޑު ބަދަލަކަށް ނުވިނަމަވެސް، އެއީ، ދިވެހިރާއްޖެއާމެދު މާލީ އިދާރާތަކާއި ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ދެކޭ ގޮތް ރަނގަޅުވާނޭ ފަދަ، އުންމީދީ ބަދަލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް، މިއަށްވުރެވެސް ބޮޑު ކާމިޔާބީއަކަށްވާނީ، މިހާރަށްވުރެވެސް ރޭޓިން ރަނގަޅުވެ، އޭގެ ސަބަބުން ރާއްޖޭގައި ވުނަކުރާ މިންވަރު އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، ދައުލަތުގެ ޚަރަދުތައް ބަޖެޓުކުރި މިންގަނޑުގެ ތެރޭގައި ހިފެހެއްޓުނީ، ޙިކުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރައްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ޓެކުހުގެ ނިޒާމަށް ގެނައި ބަދަލުތަކާއި، ހަރަދުތައް ހިފެހެއްޓުމާއި، ބަޖެޓުކުރުމުގައި އަންދާޒާކުރާ އާމްދަނީ ޙަޤީޤީ އާމްދަނީއާ އެއްއުއިކުރުން ފަދަ ފިޔަވަޅުތަކުގެ މައްޗަށް އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އަދި މިފަދަ ފިޔަވަޅުތަކަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ފިޔަވަޅުތަކަކަށް ނުވިކަމުގައިވިޔަސް، މިއީ ސިޔާސީ ކަންކަމަށްވުރެ ވަޠަނީ މަސްލަހަތު އިސްކުރައްވައި ޒިންމާދާރު ސަރުކާރެއްގެ ވަލިއްޔުލްއަމުރު، ނަމޫނާ ދައްކަވާ ގޮތްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ސަރުކާރުން ގެންގުޅުއްވާ ދުރު ރާސްތާ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަން މަނާ ކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅާއި، ސްޓޭޓް ފާމާ އުފެއްދެވުމުގެ ހިކުމަތުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.
އެގޮތުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަން މަނާ ކުރެއްވުމުގެ މަސައްކަތަކީ ފުޅާ ދާއިރާއެއްގައި، ހުރިހާ މަސްލަހަތުވެރިންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދަވާނޭ މަސައްކަތެއްކަން އިސް ތަރުޖަމާން ހާމަކުރެއްވިއެވެ.
އަދި ސްޓޭޓް ފާމާ އަކީ، އެތައް ސަރުކާރަކަށް ޙައްލުނުކުރެވުނު، ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ މައްސަލައިގެ ފުރިހަމަ ހައްލުކަމުގައި ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ފިޔަވަޅުތަކަކީ، ދެން އަންނަ އިންތިޚާބެއް ކާމިޔާބު ކުރެއްވުމުގެ ވިސްނުންފުޅަށްވުރެ، ގައުމުގެ މުސްތަގުބަލު އިސްކުރައްވައިގެން ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކެއްކަން އެމަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
މިއަދު ކުރިއަށްގެންދަވާފައިވަނީ، “ޕްރެސަރ ވިތު ދަ ސްޕޮކްސް“ ސިލްސިލާގެ ފަސްވަނަ ބައްދަލުކުރެއްވުމެވެ.

