2028 ވަނަ އަހަރުގައި އައްޑޫ ސިޓީ ވެގެންދާނީ، ޕީއެންސީގެ ކިއްލާއަކަށް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ހަނި ތަފާތަކުން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އެވެ.
އެ އިންތިހާބުގައި ސޯބެ މޮޅުވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ އަށް 1،375 ވޯޓު ލިބުނުއިރު، ޕީއެންސީން ވާދަކުރެއްވި އަހުމަދު ސައީދު 1،313 ވޯޓު ހޯއްދެވިއެވެ.
ފަލާހު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުން، އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދާއި ފައްޔާޒު އިސްމާއީލް އާއި އަބުދުﷲ ޝާހިދު، އާދަމް އާޒިމް އަދި މުޅި އުމުރުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ކުރި އަސްލަމާއި ދެންވެސް އެމްޑީޕީގެ ގައުމީ މަޖިލީސް އެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީއާއިއެކު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ބުނެ އުޅުނު ކުރީގެ ރައީސް ޔާމީން ތާއީދުކޮށްގެން ވެސް, މިއަދު އޮތް އިންތިހާބުގައި ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން އައްޑޫ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައި ކަމަށެވެ.
”އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އިއްޔެގެ އިންތިހާބުގައި ބެހެއްޓި ހަތް ވޯޓް ފޮށީގެ ތެރެއިން ހަތަރު ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް ކަމަށެވެ.
އަދި އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

