ދިވެހި ވަތަނީ ހިދުމަތުގެ ތިންވަނަ ބުރުގެ ތަމްރީނުތަކުގައި ބައިވެރިވާ ޒުވާނުން ޅ. މާފިލާފުއްޓަށް ފުރައިފިއެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ޒުވާނުން ބިނާކުރުމާ ގުޅޭ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
ނޭޝަނަލް ސަރވިސް ޓްރޭނިންގެ ތިންވަނަ ބެޗުގައި ޖުމްލަ 352 ބައިވެރިން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 20 އަތޮޅެއްގެ 115 ރަށަކަށް ނިސްބަތްވާ 64 އަންހެން ކުދިންނާއި 288 ފިރިހެން ކުދިންނެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ފުރުސަތަށް ޖުމްލަ 1,785 ޒުވާނުން ކުރިމަތިލާފައިވެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައި ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ގިނަ ދާއިރާތަކަކުން އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަރުބިއްޔަތު، އަޚުލާޤާއި ސުލޫކު، ލީޑަރޝިޕް އަދި ހަށިހެޔޮކަން ހިމެނެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ އަމަލީ މައިދާނުގައި ބޭނުންވާނެ ތަފާތު ހުނަރުތައްވެސް މި ޒުވާނުންނަށް ދަސްކޮށްދެވޭނެއެވެ.