ފިލިޕީންސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ ކައިންޖްލެޓް، ސަފީރުކަމުގ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ފިލިޕީންސްގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެއިން ފޯރުކޮށްދެމުންދާ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އަދި، ދެ ގައުމުން ގެންގުޅޭ ރަހުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމުގެ އަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހުގައެވެ.

