ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ސަބަބު ތަފްސީލުކޮށް ވިދާޅުވެދެއްވައިފިއެވެ.

މިނިސްޓަރު ޒަމީރު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި، ޒަމީރު ވިދާޅުވީ، މި ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގައި ހަނގުރާމައެއް ހިނގަމުން ދިޔައިރު، ފިނޭންސް މިނިސްޓަރުގެ ޒިންމާތައް ވަރަށް ބޮޑު ކަމަށާއި، ސިއްހީ ހާލަތު ތަންނުދޭއިރު ވެސް މަގާމުގައި ބައްދައިގެން ނުހުންނެވޭނެ ކަމުގައެވެ.

”މި ޕާޓީއަށް އަޅުގަނޑަށް ކޮށްދެވޭ ރަނގަޅު ކަމެއް ނޫން ދެއްތޯ، އެއީކީ؟ ގާބިލު ބޭފުޅުން އެބަތިއްބެވި، އެބޭފުޅުންނަށް ފުރުސަތު ލިބޭގޮތަށް އަޅުގަނޑުމެން ހަމަ، އެއްފަރާތަށް ޖެހިލާފަ. އަޅުގަނޑުމެންނަކީ، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެއް ފަރާތަށް ޖެހިއްޖެއްޔާ، އަނެއްކާ ވެސް އަންނާނެ، އަބަދުވެސް އަޅުގަނޑު ހުންނާނެ. އެއީ ޕާޓީގެ އިލެކްޝަނަކަށް ބޭނުންވިކަމުގައި ވިޔަސް، އަދި މަގާމަކަށް ދާން ބޭނުންވި ކަމުގައި ވިޔަސް.“ ޒަމީރު ވިދާޅުވިއެވެ.

އެހެންވީމަ، އަޅުގަނޑު މިހުރީ ވަރަށް ގަދަކޮށް، ރައީސް މުއިއްޒުއާއެކުގައި އެމަނިކުފާނު އަޅުގަނޑާ ހަވާލު ކުރައްވާ މަސައްކަތް ކުރަން.“

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ވަރަށް ގިނަ ކަންކަން ކޮށްދެއްވައިފައިވާކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ދަރަނި ދެ އަހަރާ ބައިގެ ތެރޭގައި ދެެއްކިއިރު، މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެއްވެސް ސަރުކާރުން މިވަރަށް ދަރަނި ދައްކައިފައިނުވާ ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި، ރާއްޖޭގެ ފޮރިން ޕޮލިސީ، ”މޯލްޑިވްސް ފަސްޓް“ ޕޮލިސީއަކަށް ބަދަލު ވެގެން ދިޔަ ކަމަށެވެ. އަދި ދީނާއި، ގައުމިއްޔަތާއި، ރައްޔިތުންގެ ފުދުންތެރިކަން ކުރިއެރުވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅާއެކު ހުންނެވި ކަމަށް ވެސް ޒަމީރު ތަކުރާރުކޮށް ވިދާޅުވިއެވެ.

މި ސަރުކާރުގައި ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވި ޒަމީރު އިސްތިއުފާ ދެއްވި ސަބަބު މިރޭ ވިދާޅުވެދެއްވިއިރު، އޭނާ އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އަންގަވައިގެން ކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފެތުރިއެެވެ. ނަމަވެސް އިއްޔެ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އެ ވާހަކަ ދޮގު ކުރައްވައިފައިވެއެވެ.