ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ފުލުސް މީހާ އަށް މަގާމުގެ ކުރިއެރުން ދީފިއެވެ.
މަސްތުވާތަކެއްޗާ ގުޅޭ ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ރޭގެ ދަންވަރު ވަގުތެއްގައި މޫދަށް ވެއްޓި ނިޔާވެފައ ވަނީ ސީނިއާ ސާޖަންޓް އަހުމަދު އާސިފެވެ. އޭނަ އަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތް ކުރި ފުލުހެކެވެ.
ފުލުހުންގެ މުއައްސަސާ އިން މިއަދު ބުނީ އާސިފްގެ ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓު ފަރުވާތެރިކަމުގެ އަގުވަޒަން ސަބް އިންސްޕެކްޓަރއޮފް ޕޮލިސްގެ ރޭންކް މިއަދު އޭނަ އަށް އަރުވާފައިވާ ކަމަށެވެ.
އާސިފްގެ ވަކިވެދިއުމަކީ ފުލުހުންގެ މުއައްސަސާއަށާއި، އޭނާ ވަފާތެރިކަމާއެކު ހިދުމަތްކުރިގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާސިފުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އަދާކުރި އިހުލާސްތެރި ދައުރާއި، ކުރި މަތިވެރި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން ޝަރަފެކެވެ.
ފުލުހުންގެ ހިދުމަތުގައި އާސިފު ދެއްކި ނަމޫނާ އާއި، ކޮށް ދިން އަގުހުރި ހިދުމަތްތަކުގެ ހަނދާންތައް އަބަދު ވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކު ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުންޏެވެ.

