މިއަދު ކުރިއަށްދިޔަ ދ. މީދޫ ކައުންސިލް ރައީސް މަގާމު ހޮވުމަށް ނެގި ވޯޓު، ސަރުކާރުގެ މައި ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓް ކާމިޔާބު ކޮށްފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީން ވާދަ ކުރެއްވީ ސުހާ އިބްރާހީމެވެ. އަދި އެމްޑީއޭގެ ފަރާތުން ވާދަ ކުރެއްވީ މުހައްމަދު ޝާހިދެވެ.ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މި އިންތިހާބުގެ ކުރީގައި އުޅެނީ ސުހާއެވެ.
މި އިންތިހާބުގައި ޖުމްލަ ތިން ފޮށި ބެހެއްޓި އިރު، ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ސުހާއެވެ.
ސުހާއަށް ލިބުނީ 529 ވޯޓެވެ. ޝާހިދަށް ލިބުނީ 449 ވޯޓެވެ.
މިއަދު އެ ގޮނޑީގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

