ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

ހުޅުމާލޭ އޮރެންޖު ހިޔާގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހިދުމަތްތަކާއިއެކު ހިންގަމުންދާ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވީ މިއަދު މެންދުރުއެވެ.

މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ދިވެހިރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ފޯރުކޮށްދޭ ފަރުވާއާއި، މާލީ އެހީތެރިކަމާއި، އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް، ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދެއްވާފައެވެ.

ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ ޢާއިލާތަކަށް ބޭނުންވާނެ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާއާއި މަސްއޫލިއްޔަތުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވައެވެ.

ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ގީލާ އަލީއާއި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ.

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފްވެސް، މި ޒިޔާރަތުގައި، ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.