މީގެ ކުރިން ރާއްޖޭގައި ފަނާކުރުވަނިވި ފިކުރުތަކުން ރާއްޖޭގައި ވެރިކަން ކުރިއިރު، ސިޔާސީ މަސައްކަތް ކުރި އެންމެން ޖަލަށްލި މަންޒަރު ފެނިގެންދިޔަ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ދ.މީދޫގެ ކައުންސިލުގެ ރައީސްގެ ގޮނޑި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަަށް ކާމިޔާބުވުން ފާހަގަކުރުމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރަށް ދެ އަހަރާ ބައި ވެގެންދިޔައިރު، މިހާތަނަށް ސިޔާސީ އެއްވެސް މީހަކު ޖަލަށް ލާފައި ނުވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުތަކުން އެކަން ކުރަމުން ދިޔަ ދިޔުން، މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

”މި ނިމިގެން ދިޔަ ދެ އަަހަރާ ބައިގެ ތެރޭގައި، މި ރާއްޖެއަކު ނުހުންނާނެ ސިޔާސީ ގޮތުން ހައްޔަރު ކުރި އެކަކު ވެސް.“ ރައީސް މުއިއްޒު މިރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިހާރު އޮތީ، ދެ މަގެއް، ނުވަތަ ދެ ފިކުރެއް ކަމަށެވެ. އެއީ ތަރައްގީއާއި ތަމައްދުނުގެ ފިކުރާއި، ފަނާކުރުވަނިވި ފިކުރު ކަމަށެވެ.

”ގައުމަށް ހަލާކާ، ގައުމަށް ގެއްލުން، މީގެ ކުރިން ގެނެސްދީފައިވާ، ގައުމަށް ފައިދާ ހުރި އެއްވެސް ގޮތެއް މިހާތަނަށް ފެނިފައި ނުވާ ރާސްތާ.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހީންނަކީ ވިސްނުން ތޫނު، އަދި ދީން ދެކެ ލޯބިވާ ބައެއް ކަމަށާއި، ގައުމާ މެދު އެމަނިކުފާނުގެ އުއްމީދުތައް ވެސް ވަރަށް ފޮނި ކަމަށެވެ.

އެހެންވެ، ގައުމު އާރާސްތު ކުރުމުގެ ފިކުރު ރައްޔިތުން އިސްކުރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.