ދުނިޔޭގެ މަގުބޫލު އޮންލައިން ޕޭމަންޓް ސިސްޓަމް، ޕޭޕަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސް މެދުވެރިކޮށް މިއަދު ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި އިވެންޓުގައި ޕޭޕަލްގެ ފަރާތުން އެ ކުންފުނީގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އާމިރު ވަލިއާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހިދުމަތް ރާއްޖެއަށް ހޯދުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީން ޕޭޕަލްގެ ސީއީއޯއަށް ފޮނުވި ސިޓީއަކާ އެކު، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަޑް ވަރްމާގެ އެހީތެރިކަމާ އެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕޭޕަލްގެ ގްލޯބަލް ލީޑަރޝިޕް ޓީމާ ބައްދަލުކުރައްވައި، ރާއްޖެއަށް ފައިސާ ލިބޭނެ (ވިތުޑްރޯވަލް) މަގު ތަނަވަސްކުރުމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާފައެވެ.
މި މަޝްރޫއުގެ ދަށުން ޕޭޕަލްގެ ރާއްޖޭގެ ބައިވެރިއެއްގެ ގޮތުގައި ކަނޑައެޅީ އުރީދޫ މޯލްޑިވްސްއެވެ.

