އެމެރިކާއާއި އީރާނާ ދެމެދު ވި އެއްބަސްވުމަކީ ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހޮރްމުޒް ކަނޑުއޮޅިގައި ދަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުން ހިމެނޭ ގޮތަށް ދެގައުމުގެ ދެމެދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭ އެއްބަސްވުމުގައި އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

ރާއްޖޭން ދެކެނީ މި ކުރިއެރުމަކީ މެދުއިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ފިތުނަ ނައްތާލައި ސުލްހަ އާއި އަމާންކަމާއި ހަމަޖެހުން ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހިޔާލުތަފާތުވުންތައް ހައްލުކުރުމާއި ދެފަރާތުން ކަންބޮޑުވާ މައްސަލަތައް ހައްލުކުރުމުގެ ވަސީލަތެއްގެ ގޮތުގައި މަޝްވަރާއާއި ޑިޕްލޮމެސީ ކުރިއަށް ނެރުނީތީ އެ ކަމަށް ދިވެހި ސަރުކާރުން އަގު ވަޒަންކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ދެ ގައުމުގެ މެދުގައި ވާހަކަދެއްކުމަށް މަގުފަހިކޮށްދީ ނުތަނަވަސްކަން ކުޑަކުރުމަށާއި ސުލްހަވެރިކަމާ އެކު ކަންކަން ހައްލުކުރުމަށް ބާރުއެޅުމުގެ ގޮތުން ޕާކިސްތާނާއި ގަތަރާއި ގަލްފްގެ އެހެނިހެން ގައުމުތަކުގެ އިތުރުން ސަރަހައްދީ، ބައިނަލްއަގުވާމީ ބައިވެރިން ކުރި ބިނާކުރަނިވި މެދުވެރިއެއްގެ ދައުރާއި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ރާއްޖޭން ތައުރީފުކުރާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މަޝްވަރާ އާއި ޑިޕްލޮމަސީގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ދޭ ތާއީދު ރާއްޖޭން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި އެދެވޭ ބަދަލުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، ދެމެހެއްޓެނިވި އިގުތިސޯދީ ކުރިއެރުމަކަށް މަގުފަހިވެ، ދާއިމީ ސުލްހަ އާއި ހަމަޖެހުން ގާއިމުވުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.