މިދިޔަ ހަފްތާގައި އެކަނި ވެސް، މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ފަސް ކޭސް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއާއެކު މި އަހަރު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 20 އަށް އަރައިފައެވެ.

ހިމަބިއްސަށް ޕޮޒިޓިވް ވި މީހުންގެ ތެރޭ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް، ސީދާ ޖެހުނީ ކިތައް ދިވެހިންނަށްކަން ހާމަ ނުކުރެއެވެ.

މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ޖުމުލަ 489 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 88 ކޮންޓެކްޓެއް ގާތުން ބަލަމުން އަންނަ ކަމަށް، އެޗްޕީއޭއިން ބުންޏެވެ.

އެ އެޖެންސީން ވަނީ، ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރާ ބައެއް މަސައްކަތްތަކަށް އަލިއަޅުވައިލައިފައެވެ.

އެގޮތުން ހިމަބިހި ޖެހިފައި ހުރި ކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަނެ ރިޕޯޓުކުރުމަށްޓަކައި، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ވަނީ ގާއިމުކުރެވިފައި ކަމަށް، އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، ހިމަބިއްސަށް ފައްސިވީ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން 1،118 ހިދުމަތްތެރިއަކަށް ވެކްސިން ދެވިފައިވާ ކަމަށް، އެޗްޕީއޭއިން މައުލޫމާތުދެއެވެ.