ވޯލްޑް ކަޕްގައި ރޭ ޕޯޗުގަލްއާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ބައްދަލު ކުރި މެޗަށް، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތާއީދު ކުރާ އެތަައް ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.
އެންމެ ވާދަވެރިކަން ބޮޑު ދެ ކުޅުންތެރިން ކަމުގައިވާ ލިިޔޮނަލް މެސީއާއި ރޮނާލްޑޯގެ ސަޕޯޓަރުން ”ފުޓްބޯޅައިގެ ރަސްގެފާނު“ގެ ބަހުސްގައި ޖެހިފައިވާއިރު، މެސީ މުބާރާތް ފެށީ ވެސް ހެޓްރިކަކުންނެވެ. އަލްޖީރިއާ އާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި މެސީ 3 ލަނޑު ޖެހިއިރު، މިއީ އޭނާ ވޯލްޑް ކަޕްގައި ފުރިހަމަ ކުރި ފުރަތަމަ ހެޓްރިކް ވެސް މެއެވެ. އެހެންވެ، ރޮނާލްޑޯގެ ސަޕޯޓަރުން ތިބީ، މެޗު ފެށުމުގެ މާ ކުރިން ވެސް ޕްރެޝަރަށް ވެއްޓިފައެވެ.
ދުނިޔޭގެ ތަށި ހޯދުމަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފެވަރިޓުން ކަމުގައިވާ ޕޯޗުގަލްއަށް، މުބާރާތަށް ފަރިތަ ނޫން ކޮންގޯ ކައިރިން ކުރި ނުހޯދުން ވެގެންދިޔައީ، ރޮނާލްޑޯގެ ސަޕޯޓަރުން މުޅިން މާޔޫސް ކުރުވި ސަބަބަކަށެވެ.
ރޭގެ މެޗުން ފޯރިގަދަ ކުޅުމެއް ވެސް ފެނިގެން ގޮސްފައިނުވާއިރު، މެޗު ނިމުނީ 1- 1 އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގައި ޕޯޗުގަލް އިން ނުރައްކާތެރި ހަމަލާތަކެއް ވެސް އުފެއްދިއެވެ. އަދި މެޗުގެ ހަވަނަ މިނެޓްގައި ލަނޑު ކާމިޔާބު ވެސް ކުރިއެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފްގެ 45 މިނެޓް ހަމަވެ އިތުރު ވަގުތު ދައްކާފައި ވަނިކޮށް ކޮންގޯއިން ވަނީ ލަނޑެއް ޖަހައި، ގަދަފަދަ ޕޯޗުގަލް ހިފަހައްޓައިފައެވެ.
މުޅި މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޕޯޗުގަލްގެ ސްޓާރ ޕްލެޔަރ ރޮނާލްޑޯ އަށް ރީތި ފުރުސަތެއް ލިބުނު ނަަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އަދި އެ ފުރުސަތު ބޭކާރުވުމުން، އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް ގިނަ ފާޑު ކިޔުންތަކެއް ވެސް އަމާޒުވިއެވެ.
ފާޑުކިޔާ މީހުން ބުނާގޮތުގައި، ރޮނާލްޑޯ އަކީ މިހާރު އެ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ދޭން ޖެހޭނެ މީހެއް ނޫނެވެ. ޕޯޗުގަލްގެ ހެޑް ކޯޗު ރޮބާޓޯ މާޓިނޭޒްއަށް ވެސް ފާޑުކިޔުން އަމާޒުވެފައިވާއިރު، އޭނާ ރޮނާލްޑޯއަށް ފުރުސަތު ދެނީ، ދެމީހުންގެ މެދުގައި އޮތް ރަހްމަތްތެރިކަމުގެ ސަބަބުން ކަމަށާއި، މިއީ ޓީމުގެ މަސްލަހަތު އިސް ކުރުން ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސްކޯ ކުރަން ބޭނުމީ ޓީމު، ރޮނާލްޑޯއެއް ނޫން
ކުރީގެ ވޯލްޑް ކަޕް ވިނަރ، ތިއަރީ އޮންރީ ވެސް ވަނީ ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ ރޮނާލްޑޯ އުޅުނީ އަމިއްލަ ލަނޑުދަނޑިތަކެއް ހާސިލު ކުރުމަށް ކަމަށާއި، ”ލަނޑު ޖަހަން ޖެހެނީ ޓީމް، ކަލެއެއް ނޫން“ ކަމަށެވެ. އާސެނަލްގެ ކުރީގެ ސްޓްރައިކަރ ވަނީ، ރޭގެ މެޗުގައި ބްރޫނޯ ފެނާންޑެޒްއަށް ލިބުނު ފުރުސަތު، ރޮނާލްޑޯގެ ސަބަބުން ބޭކާރު ވެގެން ދިޔަކަން ފާހަގަކޮށްފައެވެ.

މުބާރާތުގައި ދެން ޕޯޗުގަލް ނުކުންނާނީ، މި މަހުގެ 23 ވަނަ ދުވަހު، އުޒްބަކިސްތާނާ ދެކޮޅަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު، ކޮލަމްބިއާ އާ ދެކޮޅަށް ކުޅޭނެއެވެ.
މި މެޗުތަކުން ޕޯޗުގަލްއިން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ރޮނާލްޑޯގެ ސަޕޯޓަރުން އުއްމީދު ކުރެއެވެ. ރޮނާލްޑޯ ވެސް ހުރީ އުއްމީދެއްގައެވެ. އޭނާ ބުނީ، މިއީ އުއްމީދު ކުރިކަހަލަ ފެށުމެއް ނޫން ކަމުގައި ވިޔަސް، ނިމެން އަދި ގާތް ވެސް ނުވާ ކަމުގައެވެ.

