ދެމެހެއްޓެނިވި ތަރައްގީ އަކީ ހަމައެކަނި އުމްރާނީ ތަަރައްގީ އިން ހާސިލު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ފާހަގަކުރެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޮންލައިންކޮށް ކުރިއަށްގެންދެވުނު މި ސަމިޓްގައި، އެފްރިކާ އަދި އޭޝިއާ ގައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައިވީ ނަމަވެސް ކޮންމެ މީހަކަށްމެ ސިއްހީ ހިދުމަތް ލިބެންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފައެވެ. އަދި، އެކަހެރި ރަށަކަށް އުފަންވާ ކުއްޖަކަށްވެސް، ވެރިރަށަށް އުފަންވާ ކުއްޖަކާ އެއްފަދައިން، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މެރކް ފައުންޑޭޝަނާއެކު ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ބަދަހި ގުޅުމުގެ ސަބަބުން ލިބިފައިވާ ހެޔޮ ނަތީޖާތަކަށްވެސް މެޑަމްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އޭގެތެރޭގައި، ފާޓިލިޓީ އެންޑް އެމްބްރިއޮލޮޖީ، އެންޑޯކްރިނޮލޮޖީ، ކްރިޓިކަލް ކެއާ، އަދި ޕީޑިއޭޓްރިކްސް ފަދަ މުހިންމު ދާއިރާތަކުން ލިބިފައިވާ 13 ސްކޮލަޝިޕާއި؛ މީޑިއާ، މިއުޒިކް، ފިލްމު އަދި ފެޝަން ޑިޒައިނިންގްގެ ދާއިރާއިން ލިބުނު 8 ކްރިއޭޓިވް އެވޯޑާއި، ’އެޑިއުކޭޓިންގް ލިންޑާ‘ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު 3000 ސްކޫލް ސަޕްލައި ސެޓް ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ފަރުދަކަށްމެ އަބުރުވެރިކަމާއި، އުންމީދާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެންދާނެކަން ކަށަވަރުކުރުމަށްޓަކައި، އިތުބާރާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުންތަކެއް އޮންނަންޖެހޭކަމަށެވެ.
ފައުންޑޭޝަންގެ ’މޯ ދޭން އަ މަދަރ‘ ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމާ ގުޅިގެން މުޖުތަމައުން ކުރިމަތިކުރުވާ ބަދުނާމާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އެފަދަ ތަފާތުކުރުންތަކަކީ، އެ ބަލީގެ ވޭނާ އެއްވަރުގެ ކަމަކަށް، ގިނަ ފަހަރު ވެގެންދާ ކަމެއްކަން ފާހަގަކުރައްވަމުން، ފާޑުކިޔުމާއި ނިންމުންތައް ނިންމުމުގެ ބަދަލުގައި، ހަމްދަރުދީ އިސްކޮށް، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި ގަދަރުލިބޭ މުޖުތަމައުތަކެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، އެކަމަނާ ވަނީ މެރކް ފައުންޑޭޝަންގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އާއި، އެފްރިކާ، އޭޝިއާ އަދި އެކަށީގެންވާ ހިދުމަތްތަކުން މަހުރޫމްވެފައިވާ މުޖުތަމައުތަކުގެ ތަރައްގީއަށް އެ ފައުންޑޭޝަނުން ހިންގަމުންދާ ބަދަލުތަކެއް ގެނުވި ޕްރޮގްރާމްތަކުގެ، 14 އަހަރުވީ ދިގު ދަތުރަށް މަރުހަބާ ވިދާޅުވެފައެވެ.

