އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދިވެހި އިގްތިސާދު ވެއްޓިފައި އޮތް އަނދަވަޅުގެ އެންމެ ފުނުން މަސްވެރިކަމުގެ ސިނާއަތް ނަގައި ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްވެރިކަމުގެ ސިނާއަތަށް ހާއްސަކުރެވިފައިވާ މި އެޕިސޯޑްގައި، ”މިހާރު“ ނޫހުގެ ފަރާތުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތް ހާލަތު ރަނގަޅުކޮށް އެ ސިނާއަތް ކޮޅަށްޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މިރޮނގުން މިހާތަނަށް ހޯއްދެވުނު ބައެއް ކާމީޔާބުތަކުގެ މައްޗަށް، ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
އަބަދުވެސް ބޭނުންފުޅުވަނީ މުޅި ސިނާއަތް ހަރުދަނާކުރެއްވުމަށް ކަމަށާ، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެއްވިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒުކަމަށާ، އުއްމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭގޮތެއްވުމުން އެކަންވެސް ކުރެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ މިފަދައިން، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެންގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށާ، އެރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މިކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

