އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ޕްރޮގްރާމްގެ ތިންވަނަ ބެޗު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، މިއަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު، ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.
15 ހަފުތާގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ޓްރެއިނިން ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކުން 288 ފިރިހެން ކެޑޭޓުން، އަދި 64 އަންހެން ކެޑޭޓުން ހިމެނޭހެން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ.
މި ކޯސް ފުރިހަމަކުރުމަށް ޓަކައި ކޯހުގެ ދަރިވަރުން ވަނީ ޖޫން 8 ވަަނަ ދުވަހު ޅ.މާފިލާފުށީގައި ހުންނަ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރަށް ރިޕޯޓްކޮށްފައެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވައުދު ލައިދިނުމާއި ކެޑޭޓުން އިގްރާރުވުން އޮތެވެ. އެގޮތުން މުދައްރިބުންނަށް ވައުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުހައްމަދު ހުޝާމް މޫސާއެވެ.
އަދި ކެޑޭޓުންގެ އިގުރާރު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިން ސެންޓަރުގެ ކޮމާންޑިން އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
ދިވެހި ވަތަނީ ހިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ޕްރޮގްރާމަކީ، ރައީސް މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަގުރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ގައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ.
އަދި، އެއީ ޒުވާނުން ތަރައްގީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތައުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ.
ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަހުލާގާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.
ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ހަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ހަރަކާތް ތައާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދެވޭނެއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް (ސީޑީއެސްއެސް)ގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ހުސައިން އިބްރާހީމާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަހުމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަހުމަދު ޝާރިމާއި، މި ތަމްރީން ޕްރޮގްރާމްގެ މުދައްރިބުންނާއި ކެޑޭޓުން ބައިވެރިވެލެއްވިއެވެ.

